ދިވެހި ބަހުގެ ގަވާއިދު ފޮތް އެކުލަވާލުމަށް 10 ވަރަކަށް އަހަރު ކުރެވުނު މަސައްކަތް ނިންމައި، ނޮވެމްބަރު މަހު އެ ފޮތް ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގެ 9 ވަނަ ބައްދަލުވުމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. ދިވެހި ބަހުން ވާހަކަދައްކަން ނޭނގުމަކީ ޤައުމެއްގެ ސިފައިގައި ކަންބޮޑުވާންޖެހޭ މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގަވާއިދު ފޮތުގައި ބަހުގެ ލަފުޒުތައް ބައިބަޔަށް ބަހާލައިގެން ބަލައިލެވޭނެ އުސޫލުތައް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރުގެ ބަހަވީ ޢިލްމާ ގުޅޭ ގޮތަށް ޒަމާނާ އެއްގޮތްކުރުމުގެ މަސައްކަތްތައް ވެސް ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ރަދީފު އެޕްލިކޭޝަންގެ އާ އިސްދާރެއް ނެރެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި އެޕް މެދުވެރިކޮށް އާ ބަސްތައް ހުށަހެޅުމާއި އަކުރުތަކުގެ ރަދީފު ވަކިން ބަލާލެވޭނެ އިންތިޒާމު ހަމަޖެހިފައިވެއެވެ. ރަދީފު ޗާޕުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރިއަށެވެ.
ދިވެހި ބަހުގެ އެކެޑަމީ މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ބަހަށް އޮތް ޝައުގުވެރިކަން އިތުރުކުރުމަށް ތަފާތު މުބާރާތްތައް ހިންގަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވާހަކަދެއްކުމާއި، މަޒުމޫނު، ކުރުވާހަކަ އަދި ޅެން ހެދުމުގެ މުބާރާތްތައް ބާއްވަމުންދެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ގައުމީ ފެންވަރުގައި ބޭއްވި އަތުލިޔުމުގެ މުބާރާތުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ވެސް ވިދާޅުވިއެވެ.
ވުޒާރާއިން ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި ކައުންސިލްތަކުން ހިންގާ ބަހުގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ގައުމީ ޔުނިވަރސިޓީގެ ދަރިވަރުން އިސްނަގައިގެން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ބާއްވާ ބަހުސް މުބާރާތަށް ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައިވާ އެމްބަސީތައް މެދުވެރިކޮށް، ބޭރުގައި އުޅޭ ދިވެހިންނަށް ވެސް ބަހުގެ ހަރަކާތްތައް ކުރިއަށްދެއެވެ.
އަންނަ އަހަރު ހެކަތޯނެއް ބޭއްވުމަށާއި، ބަހާ ގުޅޭ ގޭމްތައް ތަރައްގީކުރުމަށް ވަނީ ރާވާފައެވެ. ލިޔުންތައް ދަފްތަރުކުރާނެ ޑޭޓާބޭސްއެއް ގާއިމުކުރުމާއި، މައުރަޒުތަކާއި އެގްޒިބިޝަންތައް މެދުވެރިކޮށް ކެލިގްރަފީއާއި ބަހުގެ ތާރީޚު އާންމުންނަށް ފޯރުކޮށްދިނުމަށް ވެސް ނިންމާފައިވެއެވެ.
ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އުސޫލުތަކަށް އިޞްލާޙު ގެންނަންޖެހޭނަމަ، އެކަންކަން ދެނެގަތުމުގެ މަރުޙަލާ ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.




