ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކުން ވީއައިއޭ ނޮމިނޭޓްވެއްޖެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.

ވީއައިއޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިންގ އެއަރޕޯޓް 2026" އަދި "ވޯލްޑްސް ލީޑިންގ އެއަރޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީންނެވެ. މި ކެޓަގަރީތަކުގައި ވާދަކުރުމުގެ ފުރުސަތު ވީއައިއޭއަށް ލިބުނީ މި އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ސަރަހައްދީ އެވޯޑު ހަފުލާގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ ކާމިޔާބީ ހާސިލްކޮށްފައިވާތީއެވެ.

މި ނޮމިނޭޝަންތަކާއެކު ވީއައިއޭއިން ވާދަކުރާނީ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް، ހޮންކޮންގް، އިސްތަންބޫލްގެ އައިޖީއޭ، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން، ނިއުޔޯކުގެ ޖޭއެފްކޭ، އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް، ސިޑްނީ އަދި ޒިއުރިކް އެއާޕޯޓު ފަދަ ދުނިޔޭގެ މަޝްހޫރު ބޮޑެތި އެއާޕޯޓުތަކާއެކުގައެވެ.

މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާއިރު، ވީއައިއޭއަށް ކާމިޔާބީ ހޯދައިދިނުމަށް ވޯޓު ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އެދިފައެވެ.

ރިއެކްޝަންސް

ކޮމެންޓް