މިއަހަރުގެ މުދަލު ޒަކާތުގެ އާމްދަނީ މިދިޔަ އަހަރުގެ ޖުމްލައަށްވުރެ އިތުރުވެއްޖެ

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 104 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކުރި ސެޕްޓެމްބަރު މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 87.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 24 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، އެކަނި ސެޕްޓެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 5.6 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ އެ މަހު ލިބުނު 5.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.

މުދަލުގެ ޒަކާތަކީ މުދަލުގައި ނިސާބު ހަމަވެ، އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބަކަށްވާއިރު، އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 19،266.10 ރުފިޔާއެވެ. 2016 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަމުންދަނީ މީރާއިންނާއި، އެ އޮތޯރިޓީގެ އަތޮޅުތެރޭގެ ބްރާންޗުތަކުގެ އިތުރުން މީރާގެ އޮފީހެއް ނެތް ރަށްރަށުގެ ކައުންސިލް އިދާރާތައް މެދުވެރިކޮށެވެ.

ރިއެކްޝަންސް

ކޮމެންޓް