ރާއްޖެއަށް ކަނޑުމަގުން އަންނަ ޔޮޓުފަހަރަށާއި ބޭރުގެ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ކްލިއަރެންސް ދިނުމަށް ހާއްސަކޮށް، ހއ. އުލިގަމުގައި ގާއިމްކުރާ އިމިގްރޭޝަން އޮފީހުގެ އާ އިމާރާތް އެޅުމުގެ މަޝްރޫއު އެމްޓީސީސީން ހަލުވިކަމާއެކު ކުރިއަށްގެންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެގޮތުން މިހާރު ކުރިއަށްދަނީ މި އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ކޮންކްރީޓް އެޅުމަށްޓަކައި ބޭނުންވާ ތައްގަނޑު (ޝަޓަރިން) ޖެހުމާއި ސްލެބްގެ މަސައްކަތްތަކެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އުލިގަމަކީ ޒަމާނުއްސުރެ ރާއްޖެއަށް އަންނަ ޔޮޓުފަހަރު އެންމެ ގިނައިން ބަނދަރުކުރާ ރަށަށް ވާއިރު އިމިގްރޭޝަންގެ އޮފީހާ އެކީ، ޔޮޓުތަކުން އަންނަ ފަތުރުވެރިންނަށް ހިދުމަތް ދެވި، ހަރުދަނާ ވެގެން ދާނެއެވެ. މޯލްޑިވްސް އިމިގްރޭޝަނާއި އެމްޓީސީސީއާ ދެމެދު މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ސޮއިކުރެވުނު މި މަޝްރޫއަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގްވާމީ ބަންކަރިންގެ ހިދުމަތާ ވަރަށް ބޮޑަށް ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން އުލިގަމުގައި އިމިގްރޭޝަންގެ ޒަމާނީ އޮފީސް އިމާރާތެއް ގާއިމުވެގެންދިއުމާއެކު، ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް ކްލިއަރެންސްގެ ހިދުމަތްތައް ނުހަނު ލުއިފަސޭހަކަމާއެކު އެ ރަށުން ލިބިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދީ ތަރައްގީއަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް އަދި މެރިޓައިމް ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.




