ފެލިދޫ ޕޮލިސް ސްޓޭޝަން މަޝްރޫއު: ފުރަތަމަ ފަންގިފިލާގެ މަސައްކަތް ކުރިއަށްދަނީ

ވ. ފެލިދޫގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް، ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރިއަށްދާ ޕޮލިސް ސްޓޭޝަން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ޝަޓަރިންއާއި ރީއިންފޯސްމެންޓްގެ މަސައްކަތުގެ އިތުރުން ކޮންކްރީޓް އެޅުމަށް ބޭނުންވާ ތައްޔާރީތައް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ދިވެހި ދައުލަތުގެ 13.43 މިލިއަން ރުފިޔާ ހަރަދުކޮށްގެން 360 ދުވަސްތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، ޒަމާނީ ފެންވަރުގެ އޮފީސް ބްލޮކަކާއި، ކުށްވެރިން ބައިތިއްބާނެ ބްލޮކެއްގެ އިތުރުން ވަށާފާރެއް ރޭނި، ފުލުހުންގެ ހިދުމަތަށް ބޭނުންވާ ހުރިހާ ވަސީލަތެއް ގާއިމުކުރެވިގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކޮށް، މި އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައިވެސް ފުލުހުންގެ ވަސީލަތްތައް ގާއިމުކޮށް ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތެކެވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕޮލިސް ސްޓޭޝަންތަކާއި، ޕޯސްޓުތަކާއި އަދި ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ރިއެކްޝަންސް

ކޮމެންޓް