ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް އަލުން ފަށާނީ އިނގިރޭސިވިލާތުގެ ސިވިލް އެވިއޭޝަން އޮތޯރިޓީ (ޔޫކޭ ސީއޭ) ގެ އެސެސްމެންޓުގައި ދީފައިވާ ލަފާތަކާއި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، މީގެ 25 ވަރަކަށް އަހަރު ކުރިން ދިމާވި ހިތާމަވެރި ހާދިސާއަށްފަހު މެދުކެނޑިފައިވާ މި ޚިދުމަތް އަލުން ފަށާއިރު، ސަރުކާރުން އެންމެ އިސްކަމެއް ދެނީ މެޑިކަލް އިވެކުއޭޝަން ނުވަތަ ބަލިމީހުން އުފުލުމުގެ ޚިދުމަތް ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ދެވަނަ ފަހަރަށް ހުޅުވާލައިގެން ކުރިއަށްދާ މި މަސައްކަތުގެ އިދާރީ މަރުހަލާތައް ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވިޔަފާރީ އުސޫލުންނާއި މެޑިކަލް އިވެކުއޭޝަންތަކަށް ބޭނުންކުރެވޭ ގޮތަށް ފަށާ މި ޚިދުމަތް ދިނުމަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވެގެން 10 އަހަރުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ 3 އަހަރު ދުވަހު ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެއެވެ. ސަރުކާރުގެ އަމާޒަކީ އެންމެ ލަސްވެގެން 2027 ވަނަ އަހަރުގެ ނޮވެމްބަރު 1 ގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ.




