ރަސްމާލޭގައި ޔޫ.އޭ.އީގެ އީގަލް ހިލްސް ކުންފުނިން ތަރައްޤީކުރާ ބިޔަ މަޝްރޫޢަކީ "ޔަހޫދީ އާބާދީއެއް" ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު ޢަލީ އިޙްސާން ރައްދުދެއްވައިފިއެވެ.
ރައީސް ޔާމީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި، އީގަލް ހިލްސްއަކީ އަޚްލާޤީ ގޮތުން ފެއިލްވެފައިވާ ސަރުކާރެއްގެ ފައިދާ ނަގާ ބައެއް ކަމަށް ސިފަކުރައްވާފައިވެއެވެ. ސައްތައިން ސައްތަ މުސްލިމް، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރާ ޤައުމެއްގައި "ޔަހޫދީ އާބާދީއެއް" ޤާއިމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި މި މަޝްރޫޢު ވަގުތުން ހުއްޓާލުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.
ރައީސް ޔާމީނަށް ރައްދުދެއްވަމުން މިނިސްޓަރު އިޙްސާން "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި މަޝްރޫޢަކީ "ޔަހޫދީ އާބާދީއެއް" ކަމަށް ސިފަކުރުމަކީ ޙަޤީޤަތް އޮޅުވާލައި، ސިޔާސީ ފައިދާއަށްޓަކައި ދީނީ އިޙްސާސްތަކުން ނާޖާއިޒު ފައިދާ ނެގުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ދިވެހި ރައްޔިތުންގެ ހިތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ވަރުގަދަ ލޯތްބާއި ތާއީދަކީ ބިރުވެރިކަމާއި، ނަފްރަތާއި، ދޮގު މަޢުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ހަދައިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ތިޔަ މަނިކުފާނުގެ ވެރިކަމުގައި މި އިންވެސްޓްމަންޓް ޙަޤީޤަތަކަށް ނުވުމަކީ، މިއަދު މި މަޝްރޫޢު ބަދުނާމުކުރުމަށް ލިބޭ ޙައްޤެއް ނޫން. ޤައުމީ ތަރައްޤީއަކީ ޒާތީ ސިޔާސީ ހިތްދަތިކަމާއި ޙަސަދައިގެ ރަހީނަކަށް ވެގެން ނުވާނެ،" މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
ސިޔާސަތުތަކަށް ފާޑުކިޔުމަކީ ހުއްދަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ދީނީ ބައިބައިވުން އުފައްދައި، ރައްޔިތުންނަށް މަގުއޮޅުވާލުމަކީ ޤައުމީ މަޞްލަޙަތާ ޚިލާފު ކަމެއް ކަމަށް އެމަނިކުފާނު ވަނީ ބަޔާންކުރައްވާފައެވެ.
ދިވެހިރާއްޖެއަށް މިއަދު ބޭނުންވަނީ ޒިންމާދާރު ލީޑަރޝިޕެއް ކަމަށާއި، ބިރުވެރިކަން އުފައްދާ ފިތުނަވެރި ސިޔާސަތެއް ނޫން ކަމަށްވެސް މިނިސްޓަރު އިޙްސާން ވިދާޅުވިއެވެ.
"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ ޕްރޮޖެކްޓް" ގެ ނަމުގައި ރަސްމާލޭގައި ތަރައްޤީކުރާ މި މަޝްރޫޢުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމުގައި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ސޮއިކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.




