ޞިއްޙީ ދާއިރާގެ އުމްރާނީ މަޝްރޫޢުތައް އާރްޑީސީ އަތުން އެމްޓީސީސީއަށް ބަދަލުކުރަނީ: މިނިސްޓަރު ގީލާ

ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ" ފޯރަމްގައި، ހއ. އިހަވަންދޫ އާއި ރ. މީދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުތަކާ ގުޅޭގޮތުން އެ ދެ ރަށުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ޞިއްޙީ ދާއިރާގެ ގިނަ އުމްރާނީ މަޝްރޫޢުތައް ކުރިން ހަވާލުކޮށްފައި އޮތީ އާރްޑީސީއާ ކަމަށެވެ. މި ބަދަލާއެކު މަސައްކަތުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިހަވަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ލެވެލް 1 ގެ ހޮސްޕިޓަލެކެވެ. 123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ތަރައްޤީކުރާ މި ހޮސްޕިޓަލާއެކު، އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ޢިމާރާތެއް ވެސް ތަރައްޤީކުރާނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އާރްޑީސީންނެވެ. 2025 ވަނަ އަހަރު މަސައްކަތް ނިމި ހަވާލުކުރެވޭނެ ކަމަށް އޭރު ބެލެވުނެވެ. އަދި ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

މިނިސްޓަރު ވިދާޅުވީ، އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ކުރިއަށް ނުދަނީ އެމްޓީސީސީއާއެކު އަލުން އެގްރިމެންޓްކޮށްގެން މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރަމުންދާތީ ކަމަށެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަޝްރޫޢަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިކަން ހުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރ. މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ބަލިމީހުން ބަލާ ކޮޓަރިއާއި އޮޕަރޭޝަން ރޫމާއި ލޭބަރ ރޫމްފަދަ ތަންތަން ހިމެނޭނެއެވެ. މި މަޝްރޫޢު ވެސް ކުރިން ހަވާލުކުރެވިފައިވަނީ އާރްޑީސީއާއެވެ. މިހާރު މި މަޝްރޫޢު ވެސް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މީދޫ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ކުރިއަށް ނުދަނީ ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް ކަންކަން ހުރުމުންނެވެ. އެކަންކަން ފުރިހަމަކޮށް، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރ. މީދޫގައި މިހާރު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެމުންދަނީ 24 ގަޑިއިރު ޚިދުމަތްދޭ ޞިއްޙީ މަރުކަޒަކުންނެވެ.

ރިއެކްޝަންސް

ކޮމެންޓް