ފަތުރުވެރިކަމަށް ދޫކޮށްފައިވާ ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، ކުރިއަށް އޮތް 11 މަސްދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ބެލެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، އެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެކުރިން މި އަހަރުގެ ނޮވެމްބަރު މަހަށް އެ ރިސޯޓު ހުޅުވަން މަސައްކަތް ކުރި ނަމަވެސް، އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ތަން ހުޅުވޭނެ ކަމަށް ވަޒީރު ވަނީ ލަފާކުރައްވާފައެވެ.
ރިސޯޓު ހެދުމަށް ނާގޯށި އެންމެ ފުރަތަމަ އެމްޓީޑީސީއާ ހަވާލުކުރީ 2006 ގައެވެ. ނަމަވެސް 19 އަހަރުވީއިރުވެސް އެކި ސަބަބުތަކާ ހުރެ އެ ރަށް ތަރައްގީ ނުކުރެވި އޮތުމަށްފަހު، މިދިޔަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް އަލުން އެމްޓީޑީސީއާ ހަވާލުކުރައްވާފައެވެ. ޖުމްލަ 183 ކޮޓަރިއާއެކު ތަރައްގީކުރާ މި ރިސޯޓު ހުޅުވުމުން 600 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް އެމްޓީޑީސީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.




