ސްޓޭޓް ފާމާގެ އައިޖީއެމްއެޗް ބޭސް ފިހާރަ-- ފޮޓޯ: ސްޓޭޓް ފާމާ

މިއަހަރުގެ ނިޔަލަށް އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ޤީލާ ވިދާޅުވީ، ދައުލަތުގެ ބޭސްކުންފުނި ސްޓޭޓް ފާމާ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށާއި ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ބޭނުންވާ ބޭސްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ "1505" ހޮޓްލައިން ނަންބަރު ތައާރަފްކޮށް، އެ ނަންބަރު މެދުވެރިކޮށް އޯޑަރުކުރުމުން ކައިރި ފާމަސީއަކުން ބޭސް ލިބޭނެ ގޮތް ހަމަޖައްސައިދެމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ހިންގާ ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަހަރުގެ ޖުލައި މަހު މުރާޖާކޮށްފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބެން ހުންނަންޖެހެއެވެ. މި ބަދަލާއެކު މިހާރު ހިންގާ ފާމަސީތަކުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް އެ އުސޫލަށް އަމަލުކުރަންޖެހޭއިރު، އަލަށް ހުޅުވާ ފާމަސީތަކަށް ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ ކަނޑައެޅިފައިވާ ބޭސްތައް ފުރިހަމަކުރުމުން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ރިއެކްޝަންސް

ކޮމެންޓް