މިސްކިތަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ --

މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި ގ. މާލެހިޔާ، ނައުޝާދު މޫސާ، އަނެއްކާވެސް މިސްކިތަކަށް ގެއްލުންދީގެން ހައްޔަރުކޮށްފިއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ބަންދަށް ދީފައެވެ.

ނައުޝާދު މީގެ ކުރިން ފުރުގާން މިސްކިތަށް ގެއްލުންދިން ހާދިސާގައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކަށް ގެއްލުންދީ، ވުޟޫކުރާ ބައިގެ އިސްކުރުތައް ބިންދާލުމުގެ އިތުރުން މުޞްޙަފްތައް މުޅި ތަނަށް ވަނީ އުކާލާފައެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން މިސްކިތަކަށް ނުވަތަ އަޅުކަންކުރާ ތަނަކަށް ގެއްލުންދިނުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ބޮޑު ކުށެކެވެ. މިއީ އަސާސީ އަދަބެއްގެ ގޮތުން 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށަކަށްވާއިރު، ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބު 2 އަހަރަށްވުރެ ދިގު މުއްދަތަކަށް އިތުރުވުމުގެ ފުރުސަތު އޮވެއެވެ. މީގެއިތުރުން ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުންވެސް މިފަދަ އަމަލުތަކަށް ފިޔަވަޅު އެޅޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް