4 ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އެމްޓީސީސީއާއެކު ސޮއިކޮށްފި

ރާއްޖޭގެ 4 ރަށެއްގެ އުމްރާނީ ތަރައްޤީއާ ގުޅޭ މުހިންމު 4 މަޝްރޫޢެއްގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން މިއަދު ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ މައިގަނޑު އަމާޒަކީ ރަށްރަށުގެ ބަނދަރުތަކުގެ ހާލަތު ރަނގަޅުކުރުމާއި، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ފިޝަރީސް އިންފްރާސްޓްރަކްޗަރއަށް ބިން ހިއްކުމުގެ މަޝްރޫޢެވެ. މީގެއިތުރުން ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުތަކުގެ ސަބަބުން އެ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާއީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.

ޚާއްޞަ ރަސްމިއްޔާތެއްގައި ވެވުނު މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، އަމަލީ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް