ފުވައްމުލަކު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޏ. ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސެޓްލްމަންޓް ޓޭންކު ބެހެއްޓުމާއި، ކޭބަލް ޖަންކްޝަން ބޮކްސް ހަރުކުރުމުގެ އިތުރުން ފެންހިއްކާ ނިޒާމަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.

ޖުމްލަ 236.30 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއަކީ ފުވައްމުލަކު ސިޓީގެ މަގުތަކުގެ ފެންވަރު މަތިކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 25 ޖުލައި 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 71,164 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، ފެންހިއްކާ ނިޒާމު ގާއިމުކުރުމުގެ އިތުރުން 650 ކޭބަލް ޖަންކްޝަން ބޮކްސް ވަޅުލައި، މަގުތައް އަލިކުރުމަށްޓަކައި 633 މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް