3 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަން ފަށައިފި

ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި ކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައިވަނިކޮށް، އެ މައްސަލައިގައި މަންމަގެ އެއްވެސް ބައިވެރިވުމެއް އޮތްތޯ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހައްޔަރުކުރި މީހާއަކީ އަނިޔާލިބުނު ކުއްޖާގެ ބައްޕައެވެ.

ފުލުހުން ބުނީ، މަންމައަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށެވެ. އަދި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް