ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް ރާއްޖޭގައި ފަށައިފި

ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އާއި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް، ބާސެލޯ ނަސަންދުރަ މާލެ ހޮޓަލުގައި މިއަދު ހަވީރު ފަށައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި މި ފޯރަމް މާދަމާގެ ނިޔަލަށް ކުރިއަށްދާއިރު، 30 އަށްވުރެ ގިނަ ގައުމުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.

ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި، މި ފޯރަމް ރާއްޖޭގައި ބޭއްވުމަށް މަގުފަހިވީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބޫޑާގައި ބޭއްވި ސިޑްސްގެ 4 ވަނަ ސަމިޓުގައި، ކުދި ޖަޒީރާ ގައުމުތަކުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވި ތަރައްގީއަށް މާލީ ވަސީލަތްތައް ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ރައީސް މުއިއްޒު އިސްނަންގަވައި ބާރުއެޅުއްވުމާ ގުޅިގެންނެވެ.

2014 އިން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ ސިޑްސް ބިޒްނަސް ނެޓްވޯކް ފޯރަމްގެ މައިގަނޑު މަގުސަދަކީ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ވިޔަފާރިތަކާއި، އިންވެސްޓަރުން، އަދި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.

މި އަހަރުގެ ފޯރަމުގައި ވިޔަފާރިކުރުމާއި އިންވެސްޓްކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމާއި، ތަޖުރިބާ ހިއްސާކުރުމުގެ އިތުރުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިޔާދަކުރަނިވި ހަކަތަ އަދި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ދައްކާލެވޭނެއެވެ.

މީގެއިތުރުން، މިއަހަރުގެ ފޯރަމުގެ ތެރެއިން ރަސްމީކޮށް އިފްތިތާހުކުރެވޭ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ގެ އަމާޒަކީ އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަނެ، ގައުމުތަކަށް އިންވެސްޓަރުން ހޯދުމުގެ މަގު ފަހިކުރުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް