ފުލުހުންގެ 331 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި

ދިވެހި ފުލުހުންގެ ހިދުމަތުގެ 331 އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ނިންމައި، އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި ޕްރޮމޯޝަން ހަވާލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މާލެ ސަރަހައްދުން 166 ފުލުހަކަށް މަގާމުގެ ކުރިއެރުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު މުހައްމަދު ވިދާޅުވީ، ކޮންމެ ރޭންކަކާއެކު ބޮޑު މަސްއޫލިއްޔަތެއް ހަވާލުވެގެންދާއިރު، މަސައްކަތުގެ ފެންވަރާއި އަހުލާގާއި ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ރިވެތި ނަމޫނާއެއް ދައްކަންޖެހޭނެ ކަމަށެވެ.

އަދި ޕްރޮމޯޝަނަށްފަހު ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެތީ، މުއައްސަސާގެ އެތެރެއިންނާއި ބޭރުންވެސް ސުވާލު ނުއުފެދޭފަދަ ގޮތަކަށް ނަތީޖާ ނެރެދިނުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

ސީޕީގެ ވާހަކަފުޅުގައި، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއްގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފައެއްކަން ފާހަގަކުރެއްވިއެވެ. އަދި ރިވެތި އަހުލާގު ނުހިފެހެއްޓޭނަމަ މުއައްސަސާއަށް ހުތުރުނަން ލިބޭފަދަ ކަންކަން ކުރުމުގެ ބަދަލުގައި އަމިއްލައަށް ވަކިވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ޔުނިފޯމަކީ ހަމައެކަނި ރަސްމިއްޔާތުތަކަށް އެޅުމުގެ ބަދަލުގައި ދުވަހުން ދުވަހަށް ޑިއުޓީގައިވެސް ގަވާއިދާ އެއްގޮތަށް އަޅަންޖެހޭ އެއްޗެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ ފާޑުކިޔުންތަކަކީ ހިދުމަތް ރަނގަޅުކުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކިގެން މަސައްކަތްކުރުމަށް ސީޕީ އިރުޝާދު ދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް