ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މޭޒުގެ ފޮޓޯ ---

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކާލި މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު ބޭނުންކުރެއްވި ތާރީޚީ މޭޒެއް ނޫން ކަމަށާއި އެ މޭޒަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިއަދު ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުން ބޭނުންކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ރައީސް އޮފީހުން ވަނީ ދޮގުކޮށްފައެވެ.

ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި، ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ ފޮޓޯ ދައުރުވަމުންދާ މޭޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރަކު ރަސްމީ މަސައްކަތްޕުޅަށް ބޭނުންކުރެއްވި މޭޒެއް ނޫނެވެ. އެ މޭޒަކީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވެފައިވާ އެއްޗެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

މި މޭޒު ނީލަމަށްލީ ދައުލަތުގެ އެފަދަ ބާގީ މުދާ ނީލަން ކިޔުމަށް ކަނޑައެޅިފައިވާ ރަސްމީ އުޞޫލުތަކާއި އިޖުރާޢަތުތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އަދި ނީލަމުގައި ވިއްކާލި މޭޒަށް އެކި ދުވަސްވަރު ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މީޑިއާތަކުގައި ދައުރުވާ ޚަބަރުތަކާ ގުޅިގެން ސަރުކާރުން ވަނީ ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް