ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ކަށަވަރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ދެއްވައިފި

ތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ހިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ހިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފު ދެއްވައިފިއެވެ.

ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ހިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި ރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވާފައެވެ.

އަދި ދަތުގެ ފަރުވާގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވާ، އެބޭފުޅުންނަށް ނައިބް ރައީސް ޝުކުރުއަދާކުރެއްވިއެވެ. ވަކީން ހާއްސަ ގޮތެއްގައި މުޙައްމަދު ސަލީމްގެ ނަންފުޅު ފާހަގަކުރައްވައި، ވޭތުވެދިޔަ 50 އަހަރުގެ ދިގު މުއްދަތުގައި، މެދުކެނޑުމެއްނެތި ސިއްހީ ދާއިރާއަށް އެބޭފުޅާ ކުރައްވަމުން ގެންދަވާ ހިދުމަތަކީ، ހުރިހާ އެންމެންނަށްވެސް ރިވެތި ނަމޫނާއެއް ކަމަށާއި، އެ ހިދުމަތަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތާރީހުގައި އަބަދުމެ ދެމިހުންނާނެ އަގުހުރި ތަރިކައެއް ކަމަށް ސިފަކުރެއްވިއެވެ.

އަދި ދަތުގެ ފަރުވާއާގުޅޭ ހާއްސަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ހިދުމަތުގައި މިއަދު ތިއްބެވުމަކީ ފަހްރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ހާއްސަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވިއެވެ. އަދި މިކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ، ސަރުކާރުގެ ޑެންޓަލް ޑިޕާޓްމަންޓްގެ ތާރީހަށް އަލިއަޅުވާލައި އެކުލަވާލާފައިވާ ފޮތް "އިހުން މިއަދާއި ހަމައަށް" އިފުތިތާހުކޮށްދެއްވާފައެވެ. އަދި، ދަތުގެ ފަރުވާގެ އެކި ދާއިރާތަކުން ފުރަތަމަ ހިދުމަތް ދެއްވަން ފެއްޓެވި ދިވެހި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި އެވޯޑާއި، ރާއްޖޭގައި ޑެންޓަލް ހިދުމަތް ތައާރަފުކުރެއްވި ބޭބޭފުޅުންނަށް ދެއްވި އެވޯޑް ހަވާލުކޮށްދެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް