ޔޫޕީއައި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފައިސާގެ މުއާމަލާތްތައް ފަސޭހަކަމާއެކު ކުރުމަށްޓަކައި، ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލުމުގެ ޓެސްޓިންގް މަރުހަލާ ފެށުމުގެ މަސައްކަތް މި މަހު ކުރިއަށްދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މި ދެ ނިޒާމު ގުޅާލައި ޚިދުމަތްތައް ތައާރަފް ކުރުމަށް ރާވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ މަރުހަލާގައި ހަމަޖެހިގެންދާނީ ރާއްޖެ އާއި އިންޑިއާގެ ދޭދޭ ފަރުދުންގެ މެދުގައި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތަށް ކުރެވޭނެ އިންތިޒާމެވެ. އަދި ދެވަނަ މަރުހަލާގައި ފަރުދުން ކުރާ ވިޔަފާރި މުއާމަލާތްތަކުގައި، ނުވަތަ މާޗަންޓް ޕޭމަންޓްސްތަކުގައި ފަސޭހަކަމާ އެކު ކިއުއާރު ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ މަގު ފަހިވެގެންދާނެއެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ގެ ޖުލައި މަހުގެ ތެރޭގައެވެ. މި ދެ ސިސްޓަމް ގުޅާލުމުން ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ފަސޭހަކަމާއެކު ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ޚިދުމަތް ގާއިމުވެ، ރައްކާތެރިކަމާއެކު ހެޔޮ އަގުގައި ޕޭމަންޓް މުއާމަލާތްތައް ވަގުތުން ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ.

މިއާއެކު، މި ދެ ނިޒާމު ގުޅާލުމުން ބޭރު ފައިސާއަށް އޮންނަ ޑިމާންޑަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ރާއްޖޭގެ ބޭންކުތަކުންވެސް ބުނެފައިވެއެވެ.

ޔޫޕީއައި އަކީ އިންޑިއާގެ އެންމެ ބޮޑެތި ވިޔަފާރިތަކުން ފެށިގެން ކުދި ފިހާރަތަކާއި، ޓެކްސީތަކުގައިވެސް ފައިސާގެ މުއާމަލާތް ކުރުމަށް އެ ގައުމުގައި އެންމެ އާންމުކޮށް ބޭނުންކުރާ ރަސްމީ ޑިޖިޓަލް ޕޭމަންޓް ސިސްޓަމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް