އެޗްޕީއޭއިން މިކިޔައިދެނީ އެމްއާރް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވިއްޖެތޯ ބަލާނެ ގޮތް!

ހިމަބިހިން ރައްކާތެރިކަން ހޯދުމަށްޓަކައި ވެކްސިންގެ ރިކޮމެންޑް ކުރެވިފައިވާ ދެ ޑޯޒް ހަމަވެފައިވޭތޯ އަމިއްލައަށް ބަލާލެވޭނެ ގޮތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އެމީހެއްގެ ވެކްސިން ކާޑު ބަލާއިރު ހިމަބިހުގެ ނުވަތަ ހިމަބިހި ހިމެނޭ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވޭތޯ ޔަގީންކުރުން މުހިންމެވެ. އެގޮތުން ހިމަބިހީގެ މާއްދާ އެކުލެވޭ އެކި ބާވަތްތަކުގެ ވެކްސިންތައް ވެކްސިން ކާޑުގައި ލިޔެފައި ހުރެދާނެކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހިމަބިހުގެ ވެކްސިން (Measles Vaccine)

  • އެމް.އާރް ވެކްސިން (MR Vaccine): ހިމަބިހާއި ރުބެއްލާ (Rubella) ހިމެނޭ ވެކްސިން

  • އެމް.އެމް.އާރް ވެކްސިން (MMR Vaccine): ހިމަބިއްސާއި، ކަރުފުއްޕާ (Mumps) އަދި ރުބެއްލާ ހިމެނޭ ވެކްސިން

  • އެމް.އެމް.އާރް.ވީ ވެކްސިން (MMRV Vaccine): ހިމަބިހާއި، ކަރުފުއްޕާ، ރުބެއްލާ އަދި ފާނަބަސަންދު (Varicella) ހިމެނޭ ވެކްސިން

ދެ ޑޯޒް ހަމަވިތޯ ޔަގީން ކުރާނީ ކިހިނެތް؟

ވެކްސިން ކާޑު ޗެކްކުރާއިރު، ތިރީގައިވާ ކޮންމެ ބާވަތެއްގެ 2 ޑޯޒް ނުވަތަ ދެ ބާވަތެއްގެ ވެކްސިން ހިމެނޭ ގޮތަށް ޖަހާފައިވީނަމަވެސް ހިމަބިހުގެ ދެ ޑޯޒް ފުރިހަމަވީ ކަމަށް ބެލެވޭނެއެވެ.

  • MR + MR

  • MMR / MMRV + MMR / MMRV

  • Measles + Measles

  • MR + MMR / MMRV

  • Measles + MR

  • Measles + MMR / MMRV

 

މީގެ އިތުރުން އެޗްޕީއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖޭގައި ޖަހަމުންދާ އެމްއެމްއާރު ވެކްސިންގެ ދެވަނަ ޑޯޒްގެ އިތުރުން، ހިމަބިހިން ރައްކާތެރިވުމަށް އިތުރު ޑޯޒްތަކެއް ޖަހާކަށް ނުޖެހޭނެއެވެ.

އެހެންކަމުން، ކޮންމެ ބޭފުޅަކުވެސް އަމިއްލަ ވެކްސިން ކާޑު ބައްލަވައި، މި ދެންނެވި ބާވަތްތަކުން ދެ ޑޯޒް ފުރިހަމަވެފައިވޭތޯ ޔަގީންކުރުމަކީ ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް