ވެކްސިން

ރާއްޖޭގައި ހިމަބިހި (މީސްލްސް) އަލުން ފެތުރެން ފަށާފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ޚިދުމަތްތެރިންނަށް މީސްލްސް އެންޑް ރުބެއްލާ (އެމްއާރް) ވެކްސިން ދޭން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި މި ވެކްސިން ކެމްޕޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

މިހާރު ކުރިއަށްދާ ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނުމަށް ބާރުއަޅަނީ ސިއްހީ ޚިދުމަތްތެރިންނަށާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ތިބި 18 އަހަރުން ދަށުގެ ކުދިންނަށެވެ. މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުގައި ހެނދުނު 8:30 އިން ހަވީރު 4:00 އާ ދެމެދު ވެކްސިން ދިނުން ކުރިއަށްދާނެއެވެ.

ވެކްސިން ޖަހައިދޭނެ ހޮސްޕިޓަލްތަކާއި ގަޑިތައް ތިރީގައިވާ ތާވަލުން ބައްލަވާލައްވާ:

ވެކްސިން ދޭ މަރުކަޒު ވެކްސިން ޖަހައިދޭ ގަޑިތައް
ޔޫޕީއެޗްސީސީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް
ހުޅުމާލޭ ހޮސްޕިޓަލް ހެނދުނު 9:00 އިން 11:00 އަށް / މެންދުރު 1:00 އިން ހަވީރު 3:00 އަށް
ސެނަހިޔާ ހޮސްޕިޓަލް ހެނދުނު 10:00 އިން ހަވީރު 4:00 އަށް
ވިލިމާލޭ ހޮސްޕިޓަލް މެންދުރު 1:30 އިން ހަވީރު 3:30 އަށް

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، އުމުރުން 30 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދޭން ފަށާނެއެވެ. އަދި މީގެ އިތުރުން، 49 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށް ވެކްސިން ދިނުމުގެ ތައްޔާރީތައްވެސް އެޗްޕީއޭއިން ދަނީ ވަމުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 1،537 ޚިދުމަތްތެރިއަކަށް މިހާރު ވަނީ ވެކްސިން ދީފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ޖުމްލަ 22 މީހަކަށް ހިމަބިހި ޖެހިފައިވެއެވެ. މީގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ރާއްޖެއަށް ބޮޑު އެހީއެއް ވެދީފައެވެ. އެގޮތުން 20،000 ޑޯޒްގެ ހިމަބިހި ވެކްސިން އަދި ގާތްގަނޑަކަށް ތިން ޓަނުގެ ސިއްހީ ސާމާނު އިންޑިއާއިން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް