ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބީއެމްއެލްއިން އަޅާ 1،190 ހައުސިން ޔުނިޓުގެ ބިންގާ އެޅުން -- ފޮޓޯ/ ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައި އެޅުމަށް ނިންމާފައިވާ 3،260 ހައުސިންގ ޔުނިޓުގެ އިތުރަށް، އެ ބޭންކުގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މިކަން ހާމަކުރެއްވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ހަވަނަ އެޕިސޯޑުގައެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި ބީއެމްއެލްއާ ހަވާލުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ މަޝްރޫއެއް ފިޔަވައި އެހެން ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، ޑިޒައިން ކުރެހުންތައް ނިންމާފައެވެ. އެހެންކަމުން މި ހުރިހާ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށުމާ ހިސާބަށް މިހާރު ވަނީ ދެވިފައެވެ.

މާލީ އިދާރާތަކުން ދޭ ލަފާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ތަރުޖަމާނު ފާހަގަކުރެއްވީ، ސަރުކާރުން އަބަދުވެސް އެފަދަ އިދާރާތަކުގެ އިރުޝާދުތަކަށް އިހުތިރާމްކޮށް ބަލައިގަންނަ ކަމަށެވެ.

ނަމަވެސް، ގައުމު ތަރައްގީވަމުންދާއިރު ރައްޔިތުން އެދޭ އަސާސީ ހިދުމަތްތަކާއި ކަންކަން ހުއްޓާލައިގެން ކުރިއަށް ނުދެވޭނެތީ، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ މާލިއްޔަތު ރަނގަޅުކުރުމާއެކު އިގުތިސާދީ މަސައްކަތްތައްވެސް ބެލެންސްކޮށްގެން ކުރިއަށް ގެންދިއުމެވެ. މާލީ އިދާރާތަކަށް ހިސާބުތަކާއި ފައިނޭންޝަލްސް މުހިންމުވިޔަސް، ސަރުކާރުން އިސްކަންދޭނީ ކަންކަން ބެލެންސްކޮށްގެން ރައްޔިތުންނަށް އެންމެ ފަހި އަދި އެންމެ އެދެވޭ ގޮތްތައް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް