މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދެ ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

މި އަހަރުގެ 2 ވަނަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީއާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް ގުޅިގެން، ފަރުމަސް އާލާކުރުމުގެ ހުނަރު ތަރައްޤީކޮށް، މި ދާއިރާއިން ފަންނީ މީހުން އުފެއްދުމުގެ މަޤްޞަދުގައި "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ދަށުން މި އަހަރު ކުރިއަށްގެންދާ ދެވަނަ އަސާސީ މެރިކަލްޗަރ ކޯސް 08 އޮގަސްޓު 2026 އިން 20 އޮގަސްޓު 2026 އަށް ކ. މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން އެ މިނިސްޓްރީން ވަނީ މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު 15 ފަރާތަކަށް ހުޅުވާލައިފައެވެ. މި އަހަރުގެ ފުރަތަމަ ކޯސް ޖެނުއަރީ މަހު ވަނީ ކުރިއަށްގެންގޮސްފައެވެ.

ވީމާ، މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2026 ގެ 14:00 ގެ ކުރިން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ހުށަހެޅުއްވުމަށް ފިޝަރީސް މިނިސްޓްރީން ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި، ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޯހުގެ މުއްދަތުގައި ބައިވެރިންގެ ހުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުށި ދެމެދު ކުރަންޖެހޭ ދަތުރުތަކާއި، ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމު މެރިން އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް