ސިވިލް ކޯޓު

އެކި ޓީވީ ޗެނަލްތަކުގެ ލިންކުތައް ބޭނުންކޮށްގެން ހިލޭ ސްޓްރީމް ކުރަމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ސިވިލް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ މައްޗަށް އަމުރުކޮށްފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މީޑިއާނެޓުގެ ފަރާތުންނެވެ. މީޑިއާނެޓުން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ރާއްޖޭގައި ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ނުވަތަ ހާއްސަ ހުއްދަ ހޯދާފައިވާ ފީފާ ވޯލްޑްކަޕްގެ މެޗުތައް "ހިލޭޓީވީ" މެދުވެރިކޮށް ބެލޭނެ ކަމަށް ބުނެ އެ ވެބްސައިޓުން ވަނީ އިޝްތިހާރު ކޮށްފައެވެ.

މީޑިއާނެޓުން ކޯޓުގައި ފާހަގަކޮށްފައިވަނީ، މިފަދަ ގޮތަކަށް ގަވާއިދާ ހިލާފަށް ކޮންޓެންޓް ފެތުރުން ހުއްޓުވައިނުދީފިނަމަ، އެ ކުންފުނީގެ ވިޔަފާރީގެ މަސްލަހަތަށާއި އާންމު މަސްލަހަތަށް އިޔާދަނުކުރެވޭނެ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ވަނީ، "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ކޮމިއުނިކޭޝަން އޮތޯރިޓީއަށް އަންގާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް