ކުރީގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް

ކުރީގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރެއްގެ މަޤާމަށް އައްޔަންކުރައްވައިފިއެވެ.
އާދަމް ނަސީރު އިބްރާހީމް މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާ މަސައްކަތް ކުރައްވާނީ ދިވެހިބަހާއި ސަގާފަތް އަދި ތަރިކައިގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ މުޝީރެއްގެ ގޮތުގައެވެ.

އާދަމް ނަސީރަކީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ދުވަހު އިސްތިއުފާދެއްވި ވަޒީރުންގެ ތެރެއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ ސަރުކާރުގެ އެކި މަތީ މަޤާމުތަކަށް އަލުން އައްޔަންކުރައްވާފައެވެ.

އެގޮތުން، ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރެއްގެ މަޤާމަށް އައްޔަންކުރައްވާފައެވެ. އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރުކަމަށް އައްޔަންކުރެއްވީ ކޮން ފެންވަރެއްގެ މަޤާމެއްގައި ކަމެއް ސަރުކާރުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އާދަމް ނަސީރު އިބްރާހީމަކީ ދިވެހި އަދަބިއްޔާތާއި ބަހުގެ ދާއިރާއިން ފާހަގަކޮށްލެވޭ، ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ދިވެހިބަހުގެ އެކަޑަމީގެ ރައީސްކަން ވެސް ކުރައްވާފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް