ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީގެ މެންބަރުކަމުގެ ގޮނޑިއާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައިވާތީ، އެ ކައުންސިލް ހިންގުން ވަގުތީ ގޮތުން ނައިބު ރައީސާ ހަވާލުކޮށްފިއެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރަކު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ކައުންސިލް މެންބަރުކަމުގެ މަގާމު ގެއްލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިންތިޚާބުވީ "ދަ ޑިމޮކްރެޓްސް" ގެ ފަރާތުންނެވެ. ނަމަވެސް، މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ހިމެނިފައިވާކަން އެ ކޮމިޝަނުން އަންގާފައިވާ ކަމަށް އެލްޖީއޭގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ބޯޑުން ވަކި ގޮތެއް ނިންމަންދެން، ޝުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާވުމަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް ވަނީ އަންގާފައެވެ. އަދި މި މުއްދަތުގައި ކައުންސިލް ހިންގުމުގެ އެންމެހައި ކަންކަން ވަގުތީ ގޮތުން ނައިބު ރައީސާ ވަނީ ހަވާލުކޮށްފައެވެ.

ޝުޖާއުގެ ގޮނޑީގެ މައްސަލަ ފެންމަތިވެފައި މިވަނީ، އޭނާ ކުރިން ނިސްބަތްވި "ދަ ޑިމޮކްރެޓްސް" ޕާޓީގައި ގާނޫނުން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން، އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލާފައިވާ ދަނޑިވަޅެއްގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް