ހިމަ ބިހި

މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ ދެ ކޭސް ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކޮށްފިއެވެ.
އެޗް.ޕީ.އޭ އިން މައުލޫމާތު ދޭ ގޮތުގައި، މި ދެ ކޭސް ވެސް ފެނިފައިވަނީ މި ހަފުތާގެ ތެރޭގައެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ކޭސްތަކުގެ ޖުމްލަ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭ ކަމަށްވެސް އެ އެޖެންސީން ބުނެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރަމުން އެޗް.ޕީ.އޭ އިން ބުނީ، މާލެ ސަރަހައްދުން ފެނުނު ކޭސްތަކާ ގުޅިގެން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިހާރު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކުރާ ތަހުގީގާއި، ބަލި މީހުންނާ ދިމާވި މީހުން (ކޮންޓެކްޓުން) ދެނެގަތުމުގެ އިތުރުން، އެފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެޗް.ޕީ.އޭ އިން މައުލޫމާތުދެއެވެ.

އެޗް.ޕީ.އޭ އިން އިލްތިމާސްކުރަނީ، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މިދިޔަ 2023 ވަނަ އަހަރުވެސް މި ބަލީގެ ބައެއް ކޭސްތައް ރާއްޖެއިން ވަނީ ފެނިފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް