ސައޫދީގެ ޝައިޚް އާސިމް ރާއްޖޭގެ ފަސް ސިޓީއެއްގައި ދަރުސް ދެއްވަނީ

ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އާސިމް އަލް-ޙަކީމް، ރާއްޖޭގެ ފަސް ސިޓީއަކަށް ކުރައްވާ ދަތުރުފުޅެއް މި މަހު ފެއްޓެވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު "ދަ ޓްރެވަލާ" ގްރޫޕުން އިންތިޒާމުކުރާ މި ދަތުރުފުޅަކީ އަށް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ދަރުސް ދެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ދަރުސްތައް ކުރިއަށްދާނެ ތާވަލު

"ދަ ޓްރެވަލާ" ގްރޫޕުގެ އެއް ފައުންޑަރު އަހުމަދު ނަޖާހު މައުލޫމާތު ދެއްވި ގޮތުގައި، ޝައިޚް ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ދަރުސްތަކުގެ ތާވަލު އޮތީ އަންނަނިވި ގޮތަށެވެ:

  • 28 އެޕްރީލް: ކުޅުދުއްފުށި ސިޓީ (ރޭގަނޑު 8:30 ގައި)

  • 29 އެޕްރީލް: މާލެ ސިޓީ

  • 30 އެޕްރީލް: އައްޑޫ ސިޓީ

  • 1 މޭ: ފުވައްމުލައް ސިޓީ

  • 2 މޭ: ތިނަދޫ ސިޓީ

މި ދަތުރުގެ ހުރިހާ އިންތިޒާމުތަކެއް ސިޓީތަކުގައި ކުރިއަށްދާނީ އެ ސިޓީއެއްގެ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. ނަޖާހު ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ދަރުހެއް ނިމުމުން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް 15 މިނެޓުގެ ހާއްސަ ވަގުތެއް ޝައިޚް ދެއްވާނެއެވެ.

ޝައިޚް އާސިމް އަލް-ހަކީމް: ދުނިޔޭގެ ފެންވަރުގެ އިލްމުވެރިއެއް

ޝައިޚް އާސިމަކީ ހުދާ ޓީވީ އާއި ޕީސް ޓީވީ ފަދަ ބައިނަލްއަގުވާމީ ޗެނަލްތަކުންނާއި، ސޯޝަލް މީޑިއާ މެދުވެރިކޮށް އިނގިރޭސި ބަހުން ދީނީ އިލްމު ފެތުރުއްވުމުގައި ދުނިޔޭގެ މަގުބޫލުކަން ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް، އާންމުން ކުރާ ދީނީ ސުވާލުތަކަށް ވަރަށް ސާދާކޮށް އަދި ސީދާކޮށް ޖަވާބު ދެއްވާ އިލްމުވެރިއެއްގެ ގޮތުގައި އޭނާ ފާހަގަކުރެވެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، އިނގިރޭސި ބަހުން ދީނީ މައުލޫމާތު އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް