އޮސްޓްރޭލިއާއިން ހަދިޔާކުރި ޕެޓްރޯލް ބޯޓު ހަވާލުކޮށްފި

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ހާއްސަ "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް އޮސްޓްރޭލިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައެވެ.

މި ރަސްމިއްޔާތުގައި ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި އުޅަނދެކެވެ.

އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި، މި ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށާއި، ކަނޑުމަތީގައި ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށް އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ބޮޑު އެހީއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެކެވެ.

ކޯސްޓްގާޑުގެ މަސައްކަތްތައް ފުޅާކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފެންވަރަށް އަސްކަރިއްޔާ ތަރައްގީކުރުމަކީ ރައީސް މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ މި އަގުހުރި އެހީއަށްޓަކައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ ވަނީ ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއްކަން ފާހަގަކުރައްވައި، އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާގެ ވާހަކަފުޅުގައި، ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަސްކަރީ ކަނޑުމަތީގެ ސަޤާފަތާއި އާދަކާދައާ އެއްގޮތަށް ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިންގ އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ދިވެހިރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ.
އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ޚާއްޞަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުން، މި އަހަރުގެ މޭ މަހުގެ ފަހުކޮޅުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް