މީޑިއާތަކާއި ޖަމިއްޔާތަކުގެ ބެލެނިވެރިކަން އަނެއްކާވެސް ހޯމް މިނިސްޓްރީއަށް

ސަރުކާރުގެ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބޮޑު ބަދަލާއެކު، މީޑިއާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ މަސްއޫލިއްޔަތު އަނެއްކާވެސް ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ގެނައި މި ބަދަލާއެކު "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ" ގެ ނަމަށް ބަދަލުކުރި ހޯމް މިނިސްޓްރީއަށް ވަނީ މީޑިއާ އަދި މަދަނީ ޖަމިއްޔާތަކާ ގުޅޭ ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައެވެ.

މީޑިއާ ދާއިރާއަށް ހޯމް މިނިސްޓްރީގެ ދައުރު

ރައީސް އޮފީހުން އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، މީޑިއާތަކާ ގުޅޭގޮތުން މިނިސްޓްރީން ކުރާނެ މައިގަނޑު ކަންކަމަކީ:

  • ސިޔާސަތު ކަނޑައެޅުން: ރާއްޖޭގެ ޕްރިންޓް އަދި އިލެކްޓްރޯނިކް މީޑިއާ ކުރިއަރުވައި ތަރައްގީކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން.

  • ދަފުތަރު ބެލެހެއްޓުން: ރާއްޖޭގެ ލިޔުންތެރިންގެ ދަފުތަރު އެކުލަވައިލައި، އެކަން ވިލަރެސްކުރުން.

ޖަމިއްޔާ ޖަމާއަތްތަކާ ގުޅޭ މަސްއޫލިއްޔަތުތައް

ޖަމިއްޔާތަކުގެ ބެލެނިވެރި މިނިސްޓްރީގެ ހައިސިއްޔަތުން ހޯމް މިނިސްޓްރީން ކުރާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  1. ރަޖިސްޓްރާގެ ޒިންމާ: ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

  2. ފަންނީ އަދި މާލީ އެހީ: ޖަމިއްޔާތަކަށް ބޭނުންވާ އެހީތެރިކަން ރާއްޖެއާއި ރާއްޖޭން ބޭރުން ހޯދޭނެ މަގުތައް ފަހިކޮށްދިނުން.

  3. ގައުމީ ފޯރަމް: ޖަމިއްޔާތަކުގެ ގައުމީ ފޯރަމެއް ގާއިމުކޮށް، ސަރުކާރާއި ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުން.

ކެބިނެޓަށް ގެނައި ބޮޑު ބަދަލު

މި ބަދަލާއެކު ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކޮށްފައެވެ. ބައެއް މިނިސްޓްރީތައް އުވާލައި، އެހެން މިނިސްޓްރީތަކާ އެއްކޮށްލާފައިވާއިރު، އަލަށް އުފެއްދި ހަމައެކަނި މިނިސްޓްރީއަކީ "މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ" އެވެ.

މީޑިއާ އަދި ޖަމިއްޔާތަކުގެ މެންޑޭޓަކީ ކުރީގެ ރައީސް މައުމޫންގެ ދައުރުން ފެށިގެން ހޯމް މިނިސްޓްރީގެ ދަށުގައި އޮތް ބައެއް ނަމަވެސް، މި ސަރުކާރުން މީގެ ކުރިން އެ މަސައްކަތްތައް ހަވާލުކޮށްފައި އޮތީ ޔޫތު މިނިސްޓްރީއާއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް