ޔާމީންގެ ބިރުވެރި "އަނެއް ދިވެހިރާއްޖެ" އަށް ދާން ބޭނުމެއް ނޫން: ޝުޖާއު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގެންގުޅުނު "އަނެއް ދިވެހިރާއްޖެ" ޝިއާރަށް އިއުތިރާފުވެވަޑައިގެން، އެ މިސްރާބަށް ދާންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވުމުން، ސަރުކާރު ހިންގާ ޕީއެންސީގެ އިސް މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ބާރަށު ދާއިރާގެ މެމްބަރު ޝުޖާއު ވިދާޅުވީ، "އަނެއް ދިވެހިރާއްޖެ" އަކީ ފަނޑިޔާރުން ވަގަށް ނެގުމާއި، ގައުމުގެ ހަރުމުދާ ވިއްކާލުން ފަދަ ނުރައްކާތެރި ކަންކަން ހިމެނޭ ތަނެއް ކަމަށް މީގެ ކުރިން އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ވެސް ހުދު ޔާމީން ކަމަށެވެ.

"އެ މަނިކުފާނު (ޔާމީން) އޭރު ވިދާޅުވީ "އަނެއް ދިވެހިރާއްޖޭގައި" ފަނޑިޔާރުން ވަގަށް ނަގާނެއޭ. އެ ދިވެހިރާއްޖޭގައި ބޭނުންހާ ގޮތަކަށް ރޭގަނޑު މަޖާކޮށް އުޅެވޭނެއޭ. އަދި ދިވެހިން ހޯދާފައިވާ ހަރު މުދާ ވިއްކާނެއޭ،" ޝުޖާއު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ގައުމުގެ މިހާރުގެ ހާލަތު އޮތް ގޮތުން ނަޝީދު ވިދާޅުވި "އަނެއް ދިވެހިރާއްޖެ" ހޯދަން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. މިއީ ޒަމާންވީ ސިޔާސީ ވާދަވެރިން ކަމަށްވާ ޔާމީނާއި ނަޝީދުގެ ފިކުރު އެއްގޮތްވި ކަމަށް ބެލެވޭ ފުރަތަމަ ފަހަރެވެ.

ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި ޔާމީންގެ މި ބަދަލަކީ "ވެރިކަމުގެ ބޫތުކައިގެން" ތިއްބަވައިގެން ދައްކަވާ ވާހަކަފުޅުތަކެކެވެ. އޭނާ ވިދާޅުވީ މިހާރުގެ އަމާޒަކީ މި ސަރުކާރުގެ ޝިއާރު ކަމަށްވާ "ދިވެހީންގެ ރާއްޖެ" ކަމަށާއި، އެއީ މިނިވަންކަމާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނެއް ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، ޔާމީން ވަނީ ސަރުކާރު ކެންޑިޑޭޓުން ފިޔަވައި އެހެން ހުރިހާ ފަރާތްތަކަކަށް ތާއީދު ކުރައްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާގެ ކެމްޕެއިން އޮފީސް ހުޅުވުމުގެ މި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް