ކުޑަކުދިންނަށް ކުރާ އަނިޔާގެ 74 މައްސަލަ މިދިޔަ މަހު ރިޕޯޓްކުރި

ދިވެހިރާއްޖޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުންދާކަން ހާމަވެއްޖެއެވެ. ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުދަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ފެބުރުވަރީ މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 74 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

މި ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް ގިނަވުމެވެ. މިދިޔަ މަހު އެ ބާވަތުގެ 21 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި 12 ފިރިހެން ކުދިންނާއި 9 އަންހެން ކުދިން ހިމެނެއެވެ.

މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލު:

  • ޖިންސީ ހާނިއްކަ: 13 މައްސަލަ

  • ޖިސްމާނީ ހާނިއްކަ: 12 މައްސަލަ

  • ނަފްސާނީ ހާނިއްކަ: 11 މައްސަލަ

  • ގެވެށި އަނިޔާ ފެނުން: 9 މައްސަލަ

  • އެހެނިހެން: ބްލެކްމެއިލް ކުރުން، ގަނާކުރުން އަދި ޖިންސީ "ގްރޫމް" ކުރުމުގެ މައްސަލަތައް.

ކުޑަކުދިންގެ އަހުލާގީ މައްސަލަތަކާ ގުޅޭ 18 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އާއިލީ މައްސަލަތަކާއި ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ވެސް ވަނީ ހުށަހަޅާފައެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި، ފެބުރުވަރީ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި (Shelters) ޖުމްލަ 152 ކުދިން ތިބިކަން ފާހަގަކުރެވެއެވެ. އަދި މިނިސްޓްރީގެ ހެލްޕްލައިނަށް އެ މަހު 1،802 ކޯލު ލިބިފައިވާއިރު، 82 މީހަކަށް ކައުންސިލިން އަދި 57 މީހަކަށް ސައިކޯސޯޝަލް ސަޕޯޓް ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 48 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅިފައިވީ ނަމަވެސް، އިޖުތިމާއީ މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރު މަތިވަމުން ދިއުމަކީ ކަމާބެހޭ ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް