ޒިކުރާ މިސްކިތް ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި

ޒިކުރާ މިސްކިތުގެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތް ތަޅާލައި، އެ ބިމުގައި ބޮޑު އަދި އެންމެ ޒަމާނީ އާ މިސްކިތެއް އިމާރާތް ކުރުމަށްޓަކައި ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ.

މި މިސްކިތް ވެގެންދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށެވެ. މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.

މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް