އެމްއެންއެސްޑީއޭ އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އާއި ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ބައްދަލުވުމުގައި އެމް.އެން.އެސް.ޑީ.އޭ. ގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. ޒަހުރާ މުޙައްމަދެވެ. ދިވެހި ބޭސްވެރިންގެ ޖަމްޢިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ރައީސް އަލްފާޟިލް މުޙައްމަދު އަޙްމަދެވެ.

އެމްއެންއެސްޑީއޭ އިން ހާމަކުރި ގޮތުގައި މި ފަހުމުނާމާއަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ނޭޝަނަލް އޮކިޔުޕޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކާއި ޓްރެއިނިންގ ޕެކޭޖް ތައްޔާރުކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާއެކެވެ.

މިގޮތުން މި ފަހުމުނާމާގެ ދަށުން ދިވެހިބޭސްވެރިކަމުގެ ދާއިރާގައި 5 އަހަރަށްވުރެ ދިގުމުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ ގެ ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓިފިކޭޝަން ޕްރޮގުރާމު މެދުވެރިކޮށް ނޭޝަނަލް ސެޓްފިކެޓް ހާޞިލުކުރެވޭނެ މަގު ފަހިވެ، އެފަދަ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރައްވާނެ ނޭޝަނަލް އެސެސަރުން ރެޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވި، މި ދާއިރާއިން އަލަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

ނެތެމުންދާ ފަންނުތައް ދިރުވައި އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. މިގޮތުން އެމްއެންއެސްޑީއޭ އިން ދަނީ މިފަދަ ދާއިރާތަކަށް ޚާއްސަ ސްޓޭންޑަޑްތައް ތައްޔާރުކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް