ކުވައިތާއި ރާއްޖެއާ ދެމެދު އޮތީ ބަދަހި ގުޅުމެއް: ރައީސް

ކުވައިތާއި ރާއްޖެއާއި ދެމެދު އޮތް ބަދަހި ގުޅުމާއި އެހީތަކަށް ރައީސުލްޖުމްހޫރިއްޔާ  ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ޝުކުރުއަދާކުރެއްވި، ކުވެއިތުގެ ޤައުމީ ދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި ރާއްޖެއާއި ކުވެއިތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް ދެޤައުމަށްވެސް ފައިދާވާނެ ދާއިރާތަކުން ކުރިއަށްދިޔުމުގެ ފުރުސަތުތައް އެބަހުރިކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ މިމަހުގެ 25 ވަނަ ދުވަހު ފާހަގަކުރާ ކުވެއިތުގެ ޤައުމީ ދުވަހާއި، 26 ވަނަ ދުވަހު ފާހަގަކުރާ މިނިވަން ދުވަހުގެ ތަހުނިޔާ، އެޤައުމުގެ އަމީރު ޝެއިޚް މިޝަލް އަލް އަޙްމަދު އަލް ޖަބަރު އަލް ސަބާޙްއަށާއި، ކުވެއިތުގެ ބޮޑުވަޒީރު ޝެއިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލް ސަބާޙްގެ އިތުރުން ކުވެއިތުގެ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވީ، މިދުވަސްތައް ހަނދާންކޮށްދެނީ ކުވެއިތުން ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތައްކަމަށެވެ. އަދި މިފުރުސަތުގައި އެޤައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމަށް އެދިވަޑައިގަތެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދުޅަހެޔޮކަމަށް، ކުވެއިތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ ތަހުނިޔާ ގެ ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ކުވައިތުގެ އަމީރަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދެ ގައުމުގެ މެދުގައި އޮތް ގާތް އަދި އުޚުއްވަތްތެރި ގުޅުމަކީ، ދެފަރާތުގެ މެދުގައި އޮތް އިޙްތިރާމާއި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ، ދިވެހިރާއްޖެއިން ނުހަނު އަގުވަޒަންކުރާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން، ކުރިއަށް އޮތް ތަނުގައި ވެސް ބިނާކުރަނިވި ގޮތެއްގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ސިޓީފުޅުތައް ނިންމަވާލެއްވީ، ކުވައިތުގެ އަމީރަށާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ރައްޔިތުންގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވަމުންނެވެ.

ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް