ބަހުގެ އެކަޑެމީގެ ރައީސަކަށް ޝާކިރު

ދިވެހި ބަހުގެ އެކަޑެމީގެ ރައީސަކަށް،  އަހުމަދު ޝާކިރު މުހައްމަދު މިއަދު އިންތިހާބުކޮށްފި އެވެ.

ދިވެހިބަހުގެ އެކަޑެމީގެ ރައީސް ކަމަށް ޝާކިރު ހޮވީ މިއަދު ބޭއްވި އެކަޑެމީގެ މެންބަރުންގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓަކުންނެވެ. ޝާކިރު ހިމެނޭ ގޮތަށް އެކަޑެމީގައި ތިއްބަވާ ފަސް މެންބަރުންވެސް ވަނީ ޝާކިރަށް ވޯޓު ދެއްވާފަ އެވެ.

ޝާކިރުއަށް 1998 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު އަދި 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިންނާއި ދިވެހިބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިފައިވެ އެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝާކިރުއަށް ވަނީ ގައުމީ އިނާމު ލިބިފައިކަން ފާހަގަކުރެވެ އެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ކަމުގެ މަގާމަށް ޝާކިރު ހޮވިވަޑައިގަތީ، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް މިދިޔަ މަހު 31ގައި އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު ހޮވުމަށް ކުރިއަށްގެންދިޔަ މަރުހަލާއަށްފަހުގަ އެވެ.

އެކަޑެމީގެ ގާނޫނުގައިވާ ގޮތުން އެ ތަނުގެ ރައީސް ކަމަށް ބޭފުޅަކު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެކަޑެމީގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް