ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށް ކޮންސަލްޓަންޓުން ހޯދަނީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑް ޤާއިމުކުރުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، ރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ ކޮންސަލްޓެންސީގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުންނެވެ.

މި މަސައްކަތް ބަލަހައްޓަމުންދާ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިހާރު ވަނީ ޕިކްނިކް އައިލެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

ބީލަން ހުށަހެޅުމަށްޓަކައި މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީ-ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީވާން ޖެހެއެވެ. އަދި 25 ޖެނުއަރީ ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ. މި މަޝްރޫޢަށް ބޭނުންވާ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު 28 ޖެނުއަރީ ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އޮންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ އަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްޤީކުރުމަށް ނިންމަވާ އެކަން އިޢުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ އަހަރު އއ. މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ރައްޔިތުން ހިތްހަމަޖެހިލައިގެން ޢާއިލާއާއެކު ދަތުރުދާނެ ސަރަޙައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން ވަނީ ހިއްސާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް