އެއާޕޯޓުން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

ގިނަ ދުވަސްތަކަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޮކްޓޯބަރު 27 ވަނަ ދުވަހު ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރު ކޮށްފަވާކަމަށެވެ.

އެއާއެކު، މި މައްސަލައިގެ ތުހުމަތުގައި ޖުމުލަ 8 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. މި އެންމެންވެސް ތިބީ ބަންދުގައެވެ.

އެންމެ ފަހުން މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި، މީޒާން / ރ.މަޑުއްވަރި، އިސްމާޢީލް ސިރްޙާން (30އ) ހައްޔަރުކޮށްފަވަނީ ކޯޓު އަމުރެއްގެ ދަށުން 2026 ޖެނުއަރީ 13 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންކަމަށް ފުލުހުން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް