ރައީސް މިރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނާ ގާތުން ކަންބޮޑުވުންތައް އަޑު އެއްސެވުމަށް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.

ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މިރޭ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މި ބައްދަލުކުރެއްވުން މިރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން ވަނީ ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ދަޢުވަތު ދެއްވާފައެވެ.

ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް