ގާނޫނާ ހިލާފަށް ކުރެވޭ ދުންފަތުގެ ވިޔަފާރިއަކީ ގައުމުތަކަށް އޮތް ބޮޑު ނުރައްކަލެއް: ސީޕީ

ގާނޫނާ ހިލާފަށް ކުރެވޭ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ގައުމުތަކަށާއި އަދި އެހެން ގައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.

އެގޮތުން، މި ބައްދަލުކުރެއްވުންތަކުގައި، މަސްތުވާތަކެތި އުފައްދައި އެކި ގައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި ގާނޫނާ ހިލާފަށް ކުރެވޭ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ގައުމުތަކަށާއި އަދި އެހެން ގައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ކޮމިޝަނަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ ކުށްތަކާ ދެކޮޅަށް ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ގައުމުތަކުގެ މެދުގައި މައުލޫމާތުތައް ވަގުތުން ހިއްސާކުރުމާއި، ގުޅުން ބަދަހިކުރެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބައިނަލް އަގްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ގޮވާލައްވާފައެވެ.

ހަމައެއާއެކު، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ އަމަލުތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމަށާއި ޓްރާންސް ނޭޝަނަލް ކުށްތައް އަދި ރޭވިގެން ހިންގާ ކުށްތައް ހިންގައި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާކުރުމާއި މިފަދަ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ގާނޫނު ތަންފީޒްކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މިމަހުގެ 24 އިން 27އަށް މޮރޮކޯގައި ކުރިއަށްދާ އިންޓަޕޯލް 93 އާންމު މަޖިލިހުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒްކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް