ޖަނަވާރުންނަށް އިހުމާލުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ފާސްކޮށްފި

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ޖޫރިމަނާ ކުރެވޭ ގޮތަށް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ފާސްކޮށްފިއެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާނެވެ. މިއީ، ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި، ވިއްސައި އާލާ ކުރުމާއި، ވިޔަފާރި ކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރި ކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެއެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި، ޖަނަވާރުގެ ބައިތަކާއި، ކާނާއާއި ބޭސް އެތެރެ ކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެއެވެ.

ރާއްޖެއަށް ޖަނަވާރު އެތެރެ ކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި، ޖަނަވާރަށް ބޭނުންވާ ކާނާއާއި، ބޭސް އެތެރެކޮށް ވިޔަފާރި ކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެއެވެ.

މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާއި ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާއެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާން ކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް