މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ މެދުގައި،  ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ގައުމީ ޔުނިވަސިޓީގެ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހީމް ވަހީދެވެ. ގައުމީ ޔުނިވަސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.ޢާއިޝަތު ޝެހެނާޒެވެ.

މި ފަހުމުނާމާގެ ދަށުން ގައުމީ ޔުނިވަސިޓީގެ ފަރާތުން މިނިސްޓްރީން ހިންގާ ޕްރޮގުރާމުތަކަށް ޔުނިވަސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއެކު، މިނިސްޓްރީން ހިންގާ އެކި ބާވަތުގެ ޕްރޮގުރާމުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކުރުމުގައި ފަންނީ ގޮތުން އެހީތެރިވާނެއެވެ.

 ދިވެހިރާއްޖޭގެ ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ހޯދުމުގައިވެސް މިނިސްޓްރީއަށް ގައުމީ ޔުނިވަސިޓީގެ އެހީތެރިކަން ލިބޭނެއެވެ.

މި ފަހުމުނާމާގެ ދަށުން ޔުނިވަސިޓީގެ ޕްރޮގުރާމުތަކުގައި ބައިވެރިވާނެ މީހުން ހޯދުމާއި، މީޑިޔާއާ ގުޅުންހުރި ޕްރޮގުރާމުތަކުގެ ކޯސް ފީތަކުގެ ވަކި ނިސްބަތެއް ދައްކައިދިނުން ފަދަ ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދޭން ހަމަޖެހިގެންދާނެ ކަމުގައި ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

 ނޫސްވެރިކަމުގެ ދާއިރާއިން މާސްޓާސް ފެންވަރުގެ ޕްރޮގުރާމެއް ގައުމީ ޔުނިވަސިޓީ ފެށުމާއެކު، ކުރު ކޯސްތަކާއި، ޑިގުރީ އަދި ފައުންޑޭޝަން ކޯސްތައް ހިންގުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން މިނިސްޓަރު އެދިވަޑައިގެންފައިވަނީ ވީހާވެސް ގިނަ ނޫސްވެރިން މި ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ.

ރާއްޖޭގެ ނޫސްވެރިންގެ ތެރެއިން ގިނަ ނޫސްވެރިންނަކީ ސްކޫލު ނިމުމާއެކު އެ ދާއިރާގައި މަސައްކަތް ކުރަން ފަށައި، މަސައްކަތުގެ ތެރެއިން ނޫސްވެރިކަމުގެ ހުނަރާއި އިލްމު ހާސިލުކުރާ މީހުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ޔުނިވަސިޓީން ހިންގާ ޕްރޮގުރާމުތަކުން ތަަފާތު އިލްމުތަކާއި ހުނަރުތަައް ލިބޭނެކަމަށާއި، އެކަމުގެ ސަބަަބުން ފަހުން ނޫސްވެރިން އުފައްދާ ކޮންޓެންޓުގެ ފެންވަރަށް ރަނގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް