ޑްރަގާއެކު ހައްޔަރުކުރި ލަންކާ އެންމެން ޝަރީއަތް ނިމެންދެން ބަންދަށް

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅެނިކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ސްރީލަންކާގެ އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ސްރީލަންކާގެ މި މަސްބޯޓު އަތުލައިގަތީ އެމްއެންޑީއެފްގެ އެއަރ ކޯ ހިންގި ސަވައިލަންސް އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު އެވެ. އެ ބޯޓު ބަލާ ފާސްކުރިއިރު 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހުރުމުން، އެ ބޯޓުގައި ތިބި ލަންކާގެ ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އެންމެން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. ބަންދު އަމުރުތަކުގައި ވާގޮތުން، އެ މީހުން ތިބި ބޯޓުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން 350 ކިލޯއަށް ވުރެ މަތި ކަމަށް ފުލުހުން ބުނެ އެވެ. އަދި އެތަކެތި ފެނުނުކަމަށް އެއިން އެއްވެސް މީހަކު އިންކާރުކޮށްފަ އެއް ވެސް ނުވެ އެވެ.

އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރީ، އެއީ އިންތިޒާމުވެގެން، ގިނަ ބަޔަކު ޝާމިލުވެގެން ކުށްކުރާ ނެޓުވޯކަކުން ފުޅާ ދާއިރާއެއްގައި ހިންގާފައިވާ ކުށެއް ކަމަށް ބުރަވެވޭތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް