ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި އައްޑޫއިން މީހަކު ހައްޔަރުކޮށްފި

ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު 1:17 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަންރީފް / އަލީ އަސްޢަރު (30އ) އެވެ.

އަސްޢަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ. މީހާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ އަލަށް ތައާރަފްކުރި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް