ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބޭނެއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި މިއަދު ބުނީ މި އަހަރު ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ޔޫތު މިނިސްޓްރީގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

މިގޮތުން އެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ޔޫތު މިނިސްޓްރީން ވަނީ އެ އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް