އޭވިއޭޝަން ދާއިރާ ހަރުދަނާ ކުރުމަށް އިންޑިއާއާއެކު މަޝްވަރާކޮށްފި

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން، އިންޑިޔާގެ ޑައިރެކްޓަރ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް އެއަރވާދިނަސް މިސްޓަރ މަނޯޖް ކުމާރ ޕައިޑިސެޓީ އަދި އިންޑިޔާގެ ހައި ކޮމިޝަންގެ ކައުންސެލަރ ކިރަން ކަތްރީއާ އެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ސީޕްލޭން އޮޕަރޭޝަންތަކުގެ އެންމެ ރަނގަޅު އަދި ޒަމާނީ އުސޫލުތައް ދެނެގަތުމާ ބެހޭގޮތުންތުން މަޝްވަރާކުރެވުނެވެ. ދެ ފަރާތުންވެސް އޭވިއޭޝަން ސަލާމަތާއި އޮޕަރޭޝަނަލް މިންގަނޑުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މަޢުލޫމާތު ޙިއްޞާކުރުމާއި އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއަރމަން އަލްފާޟިލް ޢަބްދުލް ޙާރިޘް އަދި ސީއީއޯ އަލްފާޟިލް ޙުސައިން ޖަލީލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ދެ ޤައުމުގެ އޭވިއޭޝަން ދާއިރާގެ ގުޅުން އިތުރަށް ބަދަހިކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދުމަށް މަގުފަހިކޮށްދޭނެ ފަދަ ބައްދަލުވުމެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް