ރައީސުލްޖުމްހޫރިއްޔާ ތައިލޭންޑުގެ އާ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

ކިންގްޑަމް އޮފް ތައިލޭންޑްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހިޒް އެކްސަލަންސީ އާނޫޓިން ޗާންވީރާކޫން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބޮޑުވަޒީރު އާނޫޓިންގެ ޒަޢާމަތުގައި، ތައިލޭންޑާއި އެ ޤައުމުގެ ރައްޔިތުން، ތަރައްޤީއާއި ފާގަތިކަމުގެ އައު ޒަމާނަކަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ތައިލޭންޑާ ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރެއްވުމަށްޓަކައި އެ މަނިކުފާނާއެކުގައި ގާތުން މަސައްކަތްކުރެއްވުމުގެ ޝަޢުޤުވެރިކަން ރައީސް ފާޅުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ އައު ބޮޑުވަޒީރަށް ކާމިޔާބީއާއި، ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ތައިލޭންޑުގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް