ސިވިލް ސަރވިސްގެ މުވައްޒަފުން ރިޓަޔަރކުރާއިރު ދައުލަތުގެ މުއައްސަސާތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތުވެސް ހިމަނަން ނިންމައިފި

ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރާ އިރު، ޚިދުމަތުގެ މުއްދަތު ގުނުމުގައި ސަރުކާރުގައި ޚިދުމަތްކޮށްފައިވާ މުއްދަތުގެ އިތުރުން، ސިވިލް ސަރވިސްގައި ނުހިމެނޭ، ދައުލަތުގެ އެހެން މުއައްސަސާތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތު ހިމެނުމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެކަން އިއުލާނުކޮށްފިއެވެ.

ސީއެސްސީން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މިގޮތަށް ޢަމަލުކުރުމުގައި ސަރުކާރުގެ މައި ހިއްސާ ހިމެނޭ ކުންފުނިތައްވެސް ހިމެނޭނެ ކަމަށެވެ.

އެހެންކަމުން، މިހާރު ވަޒީފާގައި ދެމިތިބި މުވައްޒަފުންގެ އިސްވެ ބަޔާންކުރެވުނު ފަދަ ތަޖުރިބާގެ ރެކޯޑެއްވާ ނަމަ، ތަޖުރިބާގެ ލިޔުމުގައި "އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތްވާ ގޮތުގެމަތިން ތައްގަނޑު ޖެހުމަށް ފަހު، ވަޒީފާ އަދާކުރާ އިދާރާ މެދުވެރިކޮށް ސީއެސް ވިއުގައިގެ "އެކްސްޕީރިއަންސް" ބަޔަށް އެ ލިޔުން އަދާހަމަކުރުމަށް އެ ކޮމިޝަނުން ވަނީ އަންގައިފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުގައި ލާޒިމުކުރާ މަޢުލޫމާތުތައް ހިމެނޭހެން، ތަޖުރިބާ އަންގައިދޭ ލިޔުން ތައްޔާރުކުރެވިދާނެ ގޮތުގެ ނަމޫނާއެއްވެސް އެ ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް