މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ފަދަ ތޫނު ހަތިޔާރު ވިއްކުން މަނާވާނެ

ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި އެކުލަވާލި ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މިއަދުން ފެށިގެން ކުޑަކުދިންނަށް ވަޅި އާއި ކަޓަރު ފަދަ ތޫނު ހަތިޔާރު ވިއްކުން މަނާވާނެއެވެ.

މިއީ ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު ނިމިގެން ދިޔަ ގޮތެކެވެ.

ކުޑަކުއްޖަކަށް އެއްވެސް މީހަކު ވަޅި ވިއްކުމަކީ މަނާ ކަމެއް ކަމަށް ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން ސެންޓަރުންވެސް ވަނީ ހާމަކޮށްފައެވެ. އެ ސެންޓަރުން މިކަން ހާމަކޮށްފައިމިވަނީ '"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"'އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ދަނިކޮށެވެ.

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު ޢަމަލުކުރަން ފަށާއިރު، ކުޑަ ކުއްޖަކަށް ވަޅި ވިއްކައިފިނަމަ ޤާނޫނުގެ 37ވަނަ މާއްދާގެ ( ހ) އަދި (ށ)ގެ ދަށުން 20،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

'"ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު"'އަށް ރައްޔިތުން އަހުލުވެރިކުރުވުުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދާއިރު ޤާނޫނުގައި ބަޔާންކޮށްފައިވާ ނުރައްކާތެރި ކުށްތަކަކީ ކޮބައިކަމާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ގެންގުޅުމުގެ ކުށް އަދި ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން ފަދަ، އެ ގާނޫނުގައި ހިމެނޭ މުހިންމު ކަންކަމަށް އަލިއަޅުވައި މައުލޫމާތު އަންނަނީ ހިއްސާކުރަމުންނެވެ.

އަދި ފިހާރަތަކުން އެކި އުމުރުފުރާގެ މީހުން ވިޔަފާރިކުރާއިރު، ވިޔަފާރިވެރިން ސަމާލުކަންދޭންޖެހޭ ކަންކަމާއި ޚާއްސަކޮށް ތުހުމަތުކުރެވޭ ފަދަ މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ވަޅިއާއި ކަޓަރު ތިލަ އަދި އެ ނޫންވެސް އެފަދަ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ފަދަ އެއްވެސް އާލާތެއް ކުޑަކުދިންނަށް ވިއްކުމަކީ މަނާކަމެއް ކަމުގައިވެސް ބުނެދީފައިވެއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެއްވެސް އެއްޗެއް އެ ކުދިންނަށް ނުވިއްކުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އެފަދަ ކަމެއްކޮށް، ކުށް ސާބިތުވެއްޖެނަމަ ޤާނޫނުން ކަނޑައެޅިފައިވާ އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް