ހަނިމާދޫގައި ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސެލްފް ސަރވިސް އޭޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.

އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.

ހަނިމާދޫ އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މި އަހަރު ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް